20/08/2026
ކިތަންމެ ރަނގަޅަށް އުޅުނަސް މީސްތަކުންގެ ދޫތަކުން ސަލާމަތެއް ނުވެވޭނެއެވެ. އެކަން ހަނދާންކުރާށެވެ.
އެހެނީ ﷲ ތައާލާ އެބޭކަލުން އިޚްތިޔާރުކުރައްވާ އިލާހީ ތަރުބިއްޔަތު ދެއްވައި ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ތަރުބިއްޔަތުވެވަޑައިގެން މީސްތަކުންނަށް ނަމޫނާ ދެއްކެވި، މީސްތަކުންގެ ތެރެއިންވީ، އެންމެ މާތް، އެންމެ ރަނގަޅު ބޭކަލުންވެސް މީސްތަކުންގެ ދުލުގެ ނުބައިކަމުން ސަލާމަތެއް ނުވިއެވެ.
އެބޭކަލުންނާ ދިމާލަށްވެސް، ސިޙްރުވެރީންނޭ، މޮޔައިންނޭ، ކާހިހުންނޭ، ދޮގުވެރީންނޭ، ޝާޢިރުންނޭ މިޒާތުގެ އެތައް އެތައް ވާހަކައެއް ގޮވުނެވެ.
މީސްތަކުންގެ ވެރި ﷲ އާ ދިމާލަށްވެސް އެމީސްތަކުންގެ ދޫތައް އަމާޒުކުރިއެވެ. އެކަށީގެންނުވާ އެތައް ބަސްތަކެއް އެއިލާހާ ދިމާލަށް ކިޔެވެ. ﷲ ތަޢާލާ ދަރިކަލަކު ހިއްޕެވި ކަމަށާއި، މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރީން ކަމުގައިވެސް ބުންޏެވެ. ސުބްޙާނަﷲ އެވެ.
މީސްތަކުންގެ ކަންކަން މިހެން ހުރި އިރު، ތިބާއާ މެދު މީސްތަކުން އެކި ޒާތްޒާތުގެ ވާހަކަ ދައްކާތީ، މީހުން އެބާވަތުގެ ވާހަކަ ތައް ނުދައްކާނީ އެވެނި މިވެނިހެން އުޅެގެން ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ.
ތިބާ ޖިބްރީލް ޢަލައިހިއްސަލާމާއެކުގައި އުޅުނަސް މީހުންގެ ދޫތަކުން ތިބާ ސަލާމަތެއް ނުވާނެއެވެ.
ވީމާ، މީސްތަކުންގެ ރުހުން ހޯދަން ނޫޅެ، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް އުޅޭށެވެ. މީހުން ކިޔާފާނެ އެއްޗަކަށް ބަލައި ތިމާގެ ދިރިއުޅުމުގެ ކަންކަން އެމީހުން ރުއްސަން ބަދަލުނުކުރާށެވެ. އަދި މިވެނިގޮތަކަށް އުޅެގެން މީހުންގެ ދުލުން ސަލާމަތްވެވޭނެ ކަމަށްވެސް ހީނުކުރާށެވެ.
حياتنا مع الله أجمل